ސްކޫލް ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން" ތަމްރީނު ޕްރޮގްރާމް ނިމިއްޖެ

ސްކޫލް ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން" ތަމްރީނު ޕްރޮގްރާމް ނިމިއްޖެ

ސްކޫލް ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން ފޯ ސްކޫލް ޕްރިންސިޕަލްސް" ތަމްރީނު ޕްރޮގްރާމް ނިމިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އާއި އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށް ގެންދިޔަ 5 ހަފްތާގެ ތަމްރީނު ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ބޭއްވި އޮންލައިން ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރުއެވެ.

މިރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވާ ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށްޓަކައި، ސްކޫލް ލީޑަރުންނަށް މިފަދަ ޕްރޮގްރާމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން، ސްކޫލްތަކުގައި އިންކްލޫސިވް އެޑިއުކޭޝަން ތަރައްގީ ކުރުމަކީ ހަމައެކަނި ސެން ޓީޗަރުންގެ ޒިންމާއެއް ކަމަށް ނުދެކި، ސްކޫލްތަކުގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް ބިނާ ކުރުމަށްވެސް މިފަދަ ތަމްރީން ޕްރޮގްރާމެއްގެ މުހިއްމުކަމުގެ މައްޗަށް ސްޓޭޓް މިނިސްޓަރގެ ވާހަކައިގައިވަނީ އަލިއަޅުވާލާފައެވެ.

ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔަ ފެސިލިޓޭޓަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރ، ސުޒޭން ކެރިންގޓަން ވިދާޅުވީ އޮންލައިންކޮށް މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައިވިޔަސް، ކާމިޔާބު ކަމާއި އެކު ޕްރޮގްރާމް ހިންގުމުގައި ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ތަމްރީނުން ދަސްވި މައުލޫމާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ޕްރޮފެސަރ ސުޒޭންވަނީ ވިދާޅުވެފައެވެ.

"ލީޑަރޝިޕް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން" ތަމްރީނު ޕްރޮގްރާމްގައި އަލިއަޅުވާލި ބައެއް ކަންކަމުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގައި އިންކްލޫޝަން ދެކޭ ގޮތްތަކާއި، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާދިނުމުގައި ސްކޫލް ލީޑަރުންގެ ފަރާތުން ލިބެންޖެހޭ އެހީތަކާއި، ޓީޗަރުންނާއި ބެލެނިވެރިންނާ އެކު ހަރުދަނާ މަސައްކަތްތަކެއްކޮށް އެދެވޭ ބަދަލެއް ސްކޫލް މާހައުލަށް ގެންނާނެ ގޮތްތައް ހިމެނެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް ޖުމްލަ 30 ސްކޫލް ޕްރިންސިޕަލުން ބައިވެރިވާ މިތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިޔައީ އޮންލައިންކޮށެވެ.