ޝާމިލު ރާސްތާ – ބާރުވެރި ޒުވާނާ: ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އައު އުންމީދެއް

ޝާމިލު ރާސްތާ – ބާރުވެރި ޒުވާނާ: ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އައު އުންމީދެއް

ރާއްޖޭގެ އިންކްލޫސިވް އެޑިއުކޭޝަން ސިޔާސަތު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް މަދަރުސީ މަރުހަލާއިން ވަޒީފާގެ މާހައުލަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ހިންގާ އަޖުމަ ބެލުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ޝާމިލު ރާސްތާ - ބާރުވެރި ޒުވާނާގެ ނަމުގައި ކުރިއަށް ގެންދަން ފަށާ މި އިންޓަރންޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެންނެވެ. 

މި އިންޓަރންޝިޕް ޕްރޮގްރާމަކީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު 2021ގެ މާއްދާ 5ގެ (ހ)ގެ 8ގައި ބަޔާންކުރާ ކާމިޔާބު ކަމާއެކު އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ވާސިލުވުން (އިފެކްޓިވް ޓްރާންސިޒަން) ތަންފީޒުކުރުމަށް ފަށާ އަޖުމަ ބެލުމުގެ ޕްރޮގްރާމެކެވެ. ދަރިވަރުން ދިރިއުޅުމަށް ތައްޔާރު ކުރުމުގެ ގޮތުން އުނގެނުމުގެ މަރުހަލާ އިން މަސައްކަތްތެރިކަމުގެ މަރުހަލާއަށް ފަސޭހަ ކަމާއެކު ކަޑައްތު ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތުގެ މައިގަނޑު އެއް އަސާސެވެ.

މި އިންޓަރންޝިޕް ޕްރޮގްރާމްގައި މަސައްކަތް ކުރާ އިންޓަރންއަކީ، ރާއްޖޭގެ ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން އޯލެވެލް އިމްތިހާނު ފުރިހަމަކޮށްފައިވާ ލޯފަން ދަރިވަރެކެވެ. މި ޕްރޮގްރާމަށް ރ. މާކުރަތު ސްކޫލު ޚާއްޞަ ކުރެވިފައިވަނީ ލޯފަން ދަރިވަރަކަށް ތަޢުލީމު ފޯރުކޮށް ދިނުމަށްޓަކައި އެ ސްކޫލުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށާއި، އަދި އެ ދަރިވަރު ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި، ޢަމަލީ ތަޖުރިބާ ހޯދައި ދިނުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. މިގޮތުން އިންޓާން މަސައްކަތް ކުރާނީ ސްކޫލުގައި އިންކްލޫސިވް ޑިޖިޓަލް ޓެކްނޮލޮޖީ ދަސްކުރާ މުދައްރިސެއްގެ ގޮތުގައެވެ.

މިޕްރޮގްރާމްގެ ދަށުން މިޑިޕާޓްމަންޓްގައި އިންޓަރންޝިޕް ފުރިހަމަކުރާ ފަރާތް މަސައްކަތްކުރާނީ ރ. މާކުރަތު ސްކޫލްގައެވެ. މި އިންޓަރންޝިޕް ޕްރޮގްރާމްގައި އިންޓަރންގެ މައިގަނޑު މައްސޫލިއްޔަތަކަށްވާނީ، މިޑިޕާޓްމަންޓްގެ ޕޮޑްކާސްޓް ސީރީޒް – ޝާމިލު ޕޮޑްކާސްޓް ތައްޔާރުކުރުމާއި، ލޯފަން ދަރިވަރުންނަށް ބޭނުންވާ ބައެއް މައުލޫމާތުތަކަށް ހޭލުންތެރި ކުރުވުމުގެ ޕޯސްޓްތަކެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ.