ޓީޗަރ އެޓޭޗްމަންޓް ޕްރޮގްރާމް - ޝާމިލު ކޭލި 2024 ގެ ފުރަތަމަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
ޓީޗަރ އެޓޭޗްމަންޓް ޕްރޮގްރާމް - ޝާމިލު ކޭލި 2024 ގެ ފުރަތަމަ ބެޗުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އޮންލައިންކޮށް ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު މާރިޔާއެވެ.
ޝާމިލު ކޭލިގެ މި ބެޗުގައި ހއ، ހދ، ށ، ބ، ކ، އއ، ތ، ގއ، ގދ، އަދި ސ އަތޮޅުގެ އެކި ސްކޫލްތަކުން ޖުމްލަ 36 ޓީޗަރުންވަނީ ބައިވެރިވެފައެވެ. 1 ހަފްތާގެ މުއްދަތަށް މާލެ ސިޓީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޓީޗަރުންވަނީ، މުޙްޔިއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، އަމީނިއްޔާ ސްކޫލް، ޢިމާދުއްދީން ސްކޫލް، ޣާޒީ ސްކޫލް، ޖަމާލުއްދީން ސްކޫލް އަދި މަޖީދިއްޔާ ސްކޫލަށް ޒިޔާރާތްކޮށް އެސްކޫލްތަކުގައި އިންކްލޫސިވް އެޑިޔުކޭޝަން ކުރިއަށް ގެންދާ ގޮތް ބަލާ، ތަޖުރިބާ ހޯދާފައެވެ.
ޝާމިލު ކޭލި ޕްރޮގޮރާމަކީ ސްކޫލުތަކުގައި އިންކްލޫސިވް އެޑިޔުކޭޝަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އަތޮޅުތަކުގެ ސްކޫލްތަކުގެ މުދައްރިސުން، މާލޭ ސިޓީގެ އިންކްލޫސިވް އެޑިޔުކޭޝަންގެ ރަނގަޅު ޕްރެކްޓިސް ކުރިއަށްދާ ބައެއް ސްކޫލުތަކަށް ޒިޔާރަތްކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މުދައްރިސުން ބޭނުންކުރާ އުކުޅުތައް ގާތުން ބަލައި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގެ ތެރެއިން ސްކޫލު ކޮމިއުނިޓީ އަކީ އިންކްލޫސިވް އެޑިޔުކޭޝަނަށް އަހުލުވެރި ކޮމިއުނިޓީ އަކަށް ހެދުމަށްޓަކައި އެކި ލެވެލްތަކުގައި ކުރެވިދާނެ ކަންކަންމާއި، އުނގަންނައި ދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތާއި، ތައްޔާރު ކުރާނެ ގޮތުގެ މައުލޫމާތު މި ޕްރޮގްރާމުން ބައިވެރިންނަށް ލިބިގެންދާނެއެވެ.