އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ސްކޫލެއްގައި ގާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްތަކުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ސްކޫލެއްގައި ޤާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްތަކުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮތް މި ރަސްމިއްޔާތުގައި މިޕްރޮޖެކްޓް އިފްތިތާހު ކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މަނޫ މަހާވަރުއެވެ.
މިޕްރޮޖެކްޓުގެ ދަށުން އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް ޤާއިމުކުރާނީ ހއ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އިހައްދޫ ސްކޫލް އަދި ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގައެވެ. މިޕްރޮޖެކްޓްގެ ދަށުން މި ތިން ސްކޫލުގައި ގާއިމުކުރާ އިންކްލޫސިވް ސަޕޯޓް ޔުނިޓްތައް ހަރުދަނާކޮށް ހިންގުމަށްޓަކައި މި ޕްރޮޖެކްޓްގެ ދަށުން ޓީޗަރުން ތަމްރީނު ކުރުންކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ޔުނިޓްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި އުނގަންނާދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިޕްރޮޖެކްޓުކުރިއަށް ގެންދާ ދެވަނަ ފަހަރެވެ.ހުސްވި އަހަރުގެ ތެރޭގައިވެސް، މި ޕްރޮގްރާމުގެ ދަށުން ޖުމުލަ އެއް މިލިއަން ފައްސަތޭކަ ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ވިހި ދިވެހި ރުފިޔާގެ އެހީގެ ދަށުން ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލާއި ޏ. ފުވައްމުލަކު ސިޓީ ހާފިޒް އަހްމަދު ސްކޫލްގައިވަނީ އިންކްލޫސިވް ސަޕޯޓް ޔުނިޓް ޤާއިމުކޮށް ދީފައެވެ.