ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ހުޅުވައިފި

ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ހުޅުވައިފި

ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ހުޅުވައިފިއެވެ. ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ހުޅުވާދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނުގައި ބުނާގޮތުން، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އެއްވެސް ތަފާތު ކުރުމަކާއި ނުލާ ތަޢުލީމު ލިބިގަތުމުގެ ހަމަހަމަ ފުރުސަތު ހޯދާދިނުމަކީ ދަޢުލަތުގެ ޒިންމާއެކެވެ. މި މަރުކަޒަކީ ދިވެހިރާއްޖޭގެ ތައުލީމުގެ ގާނުނުގެ މާއްދާ 8ގެ ދަށުން އުފައްދާފައިވާ ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީ ކޮށްފައިވާ މަރުކަޒެކެވެ. މިއީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވައްސެވެ.

ފަންނުވެށީގެ ދަށުން އިފްތިތާޙްކުރެވިގެން ދިޔަ 4 ޕްރޮގްރާމަކީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި މި 4 ޕްރޮގްރާމް. މީގެ އިތުރުންވެސް މުސްތަގްބަލުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3 ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުނެވެ. އަދި މި ވެށީގައި އުނގެނޭ ދަރިވަރުންނަށް، މި ހުނަރާއި ފަންނު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އަމަލީގޮތުންވެސް މަސައްކަތްކުރާނެ ފުރުސަތު ލިބިގެންދާނެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު މި އިންގިލާބީ ބަދަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، އިމާދުއްދީން ސްކޫލްގައެވެ.

ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި ތަރައްގީ ކުރުމުގައި އެހީތެރިވަމުން އަންނަ އަމިއްލަ ފަރާތްތަކާއި ކުންފުނިތައްކަމަށްވާ އެޓްމޮސްފިއަރ ފައުންޑޭޝަން އަދި އީވް ގާމެންޓްސްގެ އެހީތެރިކަންވަނީ ލިބިފައެވެ.