އޯޓިޒަމް އަދި އޭޑީއެޗްޑީ ހުންނަ ދަރިވަރުންގެ މުދައްރިސުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން އެއްދުވަހުގެ ސެމިނަރއެއް ކުރިއަށް ގެންގޮސްފި

އޯޓިޒަމް އަދި އޭޑީއެޗްޑީ ހުންނަ ދަރިވަރުންގެ މުދައްރިސުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން އެއްދުވަހުގެ ސެމިނަރއެއް ކުރިއަށް ގެންގޮސްފި

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޓްރީ ހައުސް އިންޓަރނޭޝަނަލް ގުޅިގެން އޯޓިޒަމް އަދި އޭޑީއެޗްޑީ ހުންނަ ދަރިވަރުންގެ މުދައްރިސުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން އެއްދުވަހުގެ ސެމިނަރއެއް ކުރިއަށް ގެންގޮސްފިއެވެ. މި ތަމްރީނު ޕްރޮގްރާމް ދަށުން ، ދަރިވަރުންގެ ޑިވެލޮޕްމަންޓާއި ގުޅޭގޮތުން އިލްމީ ނަޒަރަކުން ކަންކަމަށް އަލިއަޅުވާލާފައިވެއެވެ.

ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސެޝަން ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އޮނަރަބަލް ފައިޞަލް ނަސީމްއެވެ. ސެމިނަރގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކުރިއެރުމާއި ދުޅަހެޔޮކަމަކީ ދިވެހި ސަރުކާރުން އަބަދުވެސް އެންމެ އިސްކަން ދޭނެ ކަމެއް ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވަނީ، ރާއްޖޭގައި ހިލޭ ތެރަޕީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާކަމާއި އެކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 4 ގަޑިއިރުގެ ސެޝަންގައި އޯޓިޒަމް އާއި އޭޑީއެޗްޑީ ދެނެގަތުމާއި،އެވިޑެންސް ބޭސްޑް ޓްރީޓްމަންޓް ފަދަ މުހިންމު ކަންކަމަށް އަލިއަޅުވާލާފައިވެއެވެ. މި ސެޝަން ނަންގަވާ ދެއްވީ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ ޑރ.އެންޓަން ޖޭމްސް އާއި ކްރިސްޓަލް "ސީޖޭ" ހޮންސެކަރއެވެ. ބޯޑް ސެޓިފައިޑް ބިހޭވިއާ އެނަލިސްޓް އަދި ޗާޓަޑް ސައިކޮލޮޖިސްޓް ޑރ ޖޭމްސް އަކީ ޓްރީ ހައުސް އިންޓަނޭޝަނަލްގެ ފައުންޑާ އަދި ޑިރެކްޓަރެވެ. ޓްރީ ހައުސް އިންޓަނޭޝަނަލްގެ އިންޓަނޭޝަނަލް ބިހޭވިއާ އެނަލިސްޓް އަދި ކްލިނިކަލް ކޯޑިނޭޓަރު ކްރިސްޓަލް "ސީޖޭ" ހޮންސެކަރ ވަނީ ތަމްރީނުގެ ތަޖުރިބާ މުއްސަނދިކުރުމަށް ޓަކައި އޭނާގެ ތަޖުރިބާ ހިއްސާ ކުރައްވާފައެވެ.

ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ 4 ގަޑިއިރުގެ ސެޝަންގައި އޯޓިޒަމް އާއި އޭޑީއެޗްޑީއާ ޢާންމުގޮތެއްގައި ގުޅިފައިވާ މައްސަލަތަކާއި ދަރިވަރުން ހަރުދަނާގޮތެއްގައި ބެލެހެއްޓުމާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މިސެޝަންވެސް ނަންގަވާދެއްވީ ޑރ.އެންޓަން ޖޭމްސް އާއި ކްރިސްޓަލް "ސީޖޭ" ހޮންސެކަރއެވެ. މި ސެޝަންގައި ކްލާސްރޫމްގައި ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ޓަކައި މުދައްރިސުންނަށް އަގުހުރި ވިސްނުމާއި އަމަލީ ސްޓްރެޓެޖީތައް ފޯރުކޮށްދެއްވިއެވެ.

ޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޓްރީ ހައުސް އިންޓަރނޭޝަނަލް ގުޅިގެން ކުރިއަށްގެންދިޔަ މިސެމިނަރ އިންތިޒާމުކޮށް، އޯޓިޒަމް އަދި އޭޑީއެޗްޑީ ހުންނަ ދަރިވަރުންނަށް މިހާރަށްވުރެ ރަނގަޅަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް މުދައްރިސުންނާއި ބެލެނިވެރިން ބާރުވެރިކުރުވުމަށް އެފަރާތްތަކުގެ ސާބިތުކަން ދައްކުވައިދިނެވެ. މިއީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންކްލޫސިވް އަދި ސަޕޯޓިވް މާހައުލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.