މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

މުދައްރިސުންގެ ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

އިންޑިއަން ގްރާންޓް އެސިސްޓެންސް ސްކީމް ޕްރޮޖެކްޓްގެ ދަށުން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން (ޑީއޯއައިއީ) އިން ހއ.އަތޮޅު ތައުލީމީ މަރުކަޒާއި ލ.އިހައްދޫ ސްކޫލާއި ގދ.ތިނަދޫ އަބޫބަކުރު ސްކޫލްގެ 21 ޓީޗަރުންނަށް މުދައްރިސުންގެ ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އިންޑިއާގެ ބެންގަލޫރުގައި 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މަގްސަދަކީ އުނގެނުމުގައި ދަތިތައް ހުންނަ ދަރިވަރުންނަށް ކިޔަވާދިނުން ހަރުދަނާކޮށް މި ސްޓްރެޓެޖީތަކެއް މުދައްރިސުން އަހުލުވެރިކުރުވުމެވެ.

މި ތަމްރީނުތަކުގައި ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އާއި އެސިސްޓެންޓް ޑިރެކްޓަރުގެ އިތުރުން ސީނިއާ އިންކްލޫސިވް އެނަލިސްޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮގްރާމުގައި ބައިވެރިން ވަނީ ތަފާތު އެކި މައުޟޫޢުތައް ހިމެނޭ ގޮތަށް ތަފާތު ސެޝަންތަކުގައި ބައިވެރިވެފައެވެ. އެގޮތުން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ދަރިވަރުންނަށް އިންކްލޫސިވް އެޕްރޯޗްތަކެއް ގެނައުމުގެ މަގު ފަހިކޮށްދޭނެ ގޮތްތަކާއި، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ޝާމިލުކުރަނިވި އުނގެނުމުގެ މާހައުލެއް ފަހިކޮށްދިނުމަށް މުދައްރިސުންގެ ވިސްނުން ބައްޓަންކުރަންވީ ގޮތުގެ މަގުފަހިވެގެން ދިޔައެވެ. މި ތަމްރީނުތަކުގައި އުނގެނުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވާދޭން އިންކްލޫސިވް ޓީޗިންގ ސްޓްރެޓެޖީތަކާއި، އިންޓަރވެންޝަން ޓެކްނިކްސްއާއި، ޔުނިވަރސަލް ޑިޒައިން ފޮ ލަރނިންގގެ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް އިންކްލޫސިވް ލެސަން ޕްލޭންތައް އެކުލަވާލުމަށްވަނީ ތަމްރީނުކޮށްފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ބިހޭވިއާލް މޮޑިފިކޭޝަން ސްޓްރެޓެޖީތައް ވެސް މި ތަމްރީނުތަކުގައި ބަލާފައިވެއެވެ. މުދައްރިސުންނަށް ޙައްލު ހޯދުމުގެ ހަރުދަނާ ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ފޯރުކޮށްދީ، ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދޭނެ ގޮތްތަކަށްވަނީ އަލިއަޅުވާލާފައެވެ. މީގެ އިތުރުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކްސެސިބިލިޓީ ކުރިއެރުވުމާއި ތައުލީމީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ވެސް މި ޕްރޮގްރާމްގައި ވަނީ އަލިއަޅުވާލާފައެވެ.

މީގެ އިތުރުން ބައިވެރިން ވަނީ އިންޑިއާގެ ކެމްޕަސްތަކަށް ޒިޔާރަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން މެއިންސްޓްރީމް ސެޓިންގައި އޮބްޒާވްކުރުމުގެ ފުރުސަތު ފޯރުކޮށްދީފައެވެ.

 

މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމަކީ ރާއްޖޭގައި އިންކްލޫސިވް އެޑިއުކޭޝަނަށް ކުރާ ދަތުރުގައި އެޅުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ތަމްރީނު ލިބިފައިވާ މުދައްރިސުން ހަރުދަނާ ގޮތެއްގައި ތަންފީޒުކުރެވި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ދިރިއުޅުމަށް ހެޔޮ އަސަރުކޮށް، ރާއްޖޭގައި މިހާރަށްވުރެ އިންކްލޫސިވް މުޖުތަމަޢެއް ބިނާކުރެވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.