ޝާމިލު ވެހި- ކެޕޭސިޓީ ޑިވެލޮޕްމަންޓް އިން އިންކްލޫސިވް އެޑިއުކޭޝަން ޓުއާ ނިންމާލައިފި

ޝާމިލު ވެހި- ކެޕޭސިޓީ ޑިވެލޮޕްމަންޓް އިން އިންކްލޫސިވް އެޑިއުކޭޝަން ޓުއާ ނިންމާލައިފި

މިޑިޕާޓްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ ޝާމިލު ވެހި ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ވަނީ ރާއްޖޭގެ ސްޕެޝަލް އެޑިއުކޭޓަރުންނަށް އަމާޒުކޮށްގެން "ޝާމިލު ވެހި- ކެޕޭސިޓީ ޑިވެލޮޕްމަންޓް އިން އިންކްލޫސިވް އެޑިއުކޭޝަން ޓުއާ" ގެ ނަމުގައި ކެޕޭސިޓީ ޑިވެލޮޕްމަންޓް ޓުއާއެއް މެލޭޝިއާގައި ކުރިއަށް ގެންގޮސްފައެވެ. މި ދަތުރުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ އެޑިއުކޭޓަރުންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުން ހިމެނޭ ގޮތަށް ޖުމްލަ 22 ފަރާތަކުންވަނީ ވަނީ ބައިވެރިވެފައެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނަކީ ޔުނިވާސިޓީ އޮފް މަލާޔާއިން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.

މިދަތުރުގެ ތެރޭގައި ބައިވެރިން ވަނީ އިންކްލޫސިވް އެޑިއުކޭޝަނާ ގުޅޭ މުހިންމު މައުޟޫއުތައް ދެނެގަތުމުގެ ވޯކްޝޮޕްތަކާއި ސެމިނާތަކާއި އިންޓަރެކްޓިވް ސެޝަންތަކުގައި ބައިވެރިވެފައެވެ. މި ތަމްރީނުތަކުގައި ޚާއްޞަގޮތެއްގައި އަލިއަޅުވާލާފައިވަނީ އުނގެނުމުގެ ތަފާތު ބޭނުންތައް ހުންނަ ދަރިވަރުންގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އާރލީ އިންޓަރވެންޝަން ސްޓްރެޓެޖީތަކަށާއި، ޗެލެންޖިން ބިހޭވިއަރ މެނޭޖްމަންޓާއި، ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ ވަސީލަތްތަކާއި ޓެކްނޮލޮޖީތަކަށެވެ.

އިންކްލޫސިވް އެޑިއުކޭޝަންގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ނަފްސާނީ ދުޅަހެޔޮކަމަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަން ދެނެގަތުމާއެކު، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ގޮތުން ސްޓްރެޓެޖީތައް ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން މެލޭޝިއާގެ އިންކްލޫސިވް ސްކޫލްތަކަށް ޒިޔާރާތްކޮށް، އެސްކޫލްތަކުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދާ ގޮތްވެސް ބައިވެރިންވަނީ ބަލާފައެވެ.

ކެޕޭސިޓީ ޑިވެލޮޕްމަންޓް ޓުއާ ކާމިޔާބުކަމާއެކު ނިންމާލުމަކީ ރާއްޖޭގައި އިންކްލޫސިވް އެޑިއުކޭޝަން ޕްރެކްޓިސްތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.