އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 2 ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 2 ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފި

ޖުމްލަ  އެއް މިލިއަން ފައްސަތޭކަ ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ވިހި ދިވެހި ރުފިޔާގެ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 2 ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ގާއިމުކޮށް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ތައުލީމީ ވުޒާރާގެ ވަޒީރު ޑރ އައިޝަތު އަލީ އާއި ޚާރިޖީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ޝާހިދު އާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސްރީ ސަންޖޭ ސުދީރް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރ ޖަމްޝީދު މުޙައްމަދު، ފުވައްމުލައް ސިޓީ ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރ މުހައްމަދު މުމްތާޒުގެ އިތުރުން ޑިޕާޓްމަންޓްގެ އިސްވެރިންވަނީ ބައިވެރިވެލައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތައުލީމީ ވުޒާރާގެ ވަޒީރު ޑރ އައިޝަތު އަލީވަނީ އަފީފުއްދީން ސްކޫލް އަދި ހާފިޒް އަހްމަދު ސްކޫލަކީ މާލެ ފިޔަވާ އެންމެ ގިނަ އަދަދަކަށް ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުން ކިޔަވަމުން އަންނަ ދެ ސިޓީކަމުން، އެ ދެސިޓީގައި މިފަދަ ޔުނިޓެއް ގާއިމުކުރުމުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން މިދެސިޓީގައި އެޅުމަކީ ޔުނިޓްތަކުގެ ސަބަބުން ސްކޫލްތަކުގައި ޝާމިލުކުރުމުގެ ވެއްޓެއް ގާއިމުކުރަމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ޔުނިޓްތައް އެޅުމަށް އިންޑިއާ ސަރުކާރުން ވެދެއްވި އެހީއަށް އެކަމަނާގެ ވާހަކަފުޅުގައިވަނީ އަލިއަޅުއްވާލައްވާ ޝުކުރު އަދާ ކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ތައުލީމު ހާސިލުކުރުމަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބިފައިވާ ހައްގަކަށްވީ ހިނދު، މިފަދަ ޔުނިޓެއް ގާއިމުކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އަދި މިޔުނިޓްތަކުގައި ފައިދާ ކުރާނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށާއި، ޔުނިޓްތަކުގެ ދައިދާ މުޖުތަމައުއަށް ކުރާނެކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮޖެކްޓަކީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދޭ ޕްރޮޖެކްޓެއްކަމަށް ވިދާޅުވަމުން މިނިސްޓަރ ޝާހިދުވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސްރީ ސަންޖޭ ސުދީރް ވަނީ މި 2 ޔުނިޓްގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ބިނާ ކުރަނިވި ކުދިބައެއް އުފައްދާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިންޑިއާ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލްގައި މުޅިން އަލަށް ހެދި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓެއް ގާއިމުކޮށްފައިވާއި ފުވައްމުލައް ސިޓީގެ ހާފިޒު އަހުމަދު ސްކޫލްގައި ހުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް ވަނީ ޒަމާނީ ފެންވަރަށް މަރާމާތުކޮށް ތަރައްގީކޮށްފައެވެ.

2019 ވަނަ އަހަރުގެ ނޮމެވްބަރު މަހުގެ 4 ވަނަ ދުވަހު ދިވެހިރާއްޖެއަށް، އިންޑިއާ ސަރުކާރުން ދޭން  ނިންމި މިހިލޭ އެހީގެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން ނިންމާފައި އޮތީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑް19ގެ ހާލަތާއި ގުޅިގެން ބައެއް މަސައްކަތްތައް ފަސްވެ، ދެ ސްކޫލްގެ އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްގެ މަސައްކަތްތައް ނިންމާލާފައިވަނީ މިހިނގާ އޭޕްރިލް މަހުގެ ތެރޭގައެވެ.

އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ގާއިމް ކުރުމުގެ އިތުރުން އިންޑިއާ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން މިދެސްކޫލްގެ ޖުމްލަ 35 ޓީޗަރަކުވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީ އިން ހިންގި ވަރޗުއަލް ކޯސް އިންކްލޫސިވް ސްޓްރެޓަޖީސް ފޯ އޯޓިޒަމް ސްޕެކްޓްރަމް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައެވެ