އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން ޕައިލެޓްކޮށް ރަސްމީކޮށް ލޯންޗް ކޮށްފި
ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން ޕައިލެޓްކޮށް ރަސްމީކޮށް ލޯންޗް ކޮށްފި
ތަޢުލީމީ ދާއިރާގެ މުވައްޒަފުން އިންކްލޫސިވް ޕެޑަގޮޖީއަށް އަހުލުވެރިކުރުވައި، ހަމަހަމަކަމާއެކު އުނގަންނައިދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއިޓީ އެންޑް އިންކްލޫޝަން (އީ.ޕީ.ޑީ.ޕީ.އީ.އައި)" ޕްރޮގްރާމްގެ ޕައިލެޓް މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ތައިބާ (THAIBHA) ޕްރޮޖެކްޓުގެ އެކްޓިވިޓީ 2.1.4 ގެ ދަށުން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި މަސައްކަތުގެ ކޮންސަލްޓަންސީ ފާމެއްގެ ގޮތުގައި ޙަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ. ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމް އެކުލެވިގެންވަނީ ޖުމްލަ 7 އީ-ލާރނިންގ މޮޑިއުލްގެ މައްޗަށެވެ. އަދި މިއީ ބައިވެރިންނަށް ފަސޭހަ ވަގުތުތަކެއްގައި އަމިއްލައަށް ކިޔަވައިގެން ފުރިހަމަކުރެވޭ ގޮތަށް (ސެލްފް-ޕޭސްޑްކޮށް) ތައްޔާރުކުރެވިފައިވާ މޮޑިއުލްތަކެކެވެ. މި މޮޑިއުލްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް "އިންކްލޫސިވް އެޑިޔުކޭޓަރ ސެޓްފިކެޓް" ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ހޮވާލެވުނު 10 ސްކޫލަކުން 35 ބޭފުޅުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ޕައިލެޓް ފިޔަވަހި މިހާރު ނިމިފައިވާއިރު، ދެން އޮތީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް މި ޕްރޮގްރާމް ޢާންމުކޮށް ހުޅުވާލައި ފުލް-ރޯލްއައުޓް ކުރިއަށް ގެންދިއުމުގެ މަރުޙަލާއެވެ. މި ޕްރޮގްރާމްގެ ސަބަބުން ސްކޫލްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ޝުކުރިއްޔާ.
20 އޮގަސްޓް 2026