ސްޕެސިފިކް ލަރނިންގ ޑިސްއެބިލިޓީޒް ދެނެ ގަންނާނެ ސްކްރީނިންގ ޓޫލް އެކުލަވައިލުމަށްޓަކައި ދެ ދުވަހުގެ ވެލިޑޭޝަން ވޯކްޝޮޕެއް ކުރިއަށްގެންގޮސްފި

ސްޕެސިފިކް ލަރނިންގ ޑިސްއެބިލިޓީޒް ދެނެ ގަންނާނެ ސްކްރީނިންގ ޓޫލް އެކުލަވައިލުމަށްޓަކައި ދެ ދުވަހުގެ ވެލިޑޭޝަން ވޯކްޝޮޕެއް ކުރިއަށްގެންގޮސްފި

ސްޕެސިފިކް ލަރނިންގ ޑިސްއެބިލިޓީޒް ދެނެ ގަންނާނެ ސްކްރީނިންގ ޓޫލް އެކުލަވައިލުމަށްޓަކައި ދެ ދުވަހުގެ ވެލިޑޭޝަން ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނާއި، ކޮމަންވެލްތް އޮފް ލަރނިންގ – ކޮމަންވެލްތް އެޑިޔުކޭޝަނަލް މީޑިއާ ސެންޓަރ ފޯ އޭޝިއާ (ކޯލް-ސެމްކާ) އާއި ގުޅިގެންނެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔެވާ ދަރިވަރުންގެ ތެރެއިން ސްޕެސިފިކް ލާރނިންގ ޑިސްއެބިލިޓީސް (އެސްއެލްޑީ) ހުންނަ ދަރިވަރުން ދެނެގަތުމަށް ބޭނުންކުރާނެ ސްކްރީނިންގ ޓޫލެއް ފަރުމާކުރުމަށް ބޭއްވިމި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުންނާއި ތަޢުލީމީ ވުޒާރާގެ އެކި ދާއިރާތަކުން ފަންނީ މުވައްޒަފުން ހިމެނޭހެން 49  ފަރާތެއްވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން، ސްކްރީނިންގ މަރުޙަލާގައި މުދައްރިސުންނާއި ސްކޫލްތަކުން އަދާކުރަންޖެހޭ ދައުރާއި ޒިންމާތައް ކަނޑައެޅުމާ ބެހޭގޮތުންނާއި، މުޅި ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މިކަން ތަންފީޒުކުރާނެ ގޮތުގެ ރޯޑްމެޕަކާ މެދު ބައިވެރިން މަޝްވަރާކުރިއެވެ. އަދި ދަރިވަރުން ދެނެގަނެ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ތަމްރީނާއި ވަސީލަތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ހުށަހެޅުންތަކެއް ވެސް މި ބައްދަލުވުމުގައި ވަނީ ހުށަހަޅާފައެވެ.

މިއީ ރާއްޖޭގެ ޝާމިލް ތަޢުލީމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި މަސައްކަތުގެ ސަބަބުން އެސްއެލްޑީ ހުންނަ ދަރިވަރުން ކުރިއަށްވުރެ އަވަހަށް ދެނެގަނެވި، އެދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެ، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ތަޢުލީމީ ފުރުޞަތުތަކެއް ކަށަވަރުވެގެންދާނެއެވެ.