ޤުރްއާން ކިޔަވައިދޭ މުދައްރިސުން އިންކްލޫސިވް އެޑިޔުކޭޝަންއަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

ޤުރްއާން ކިޔަވައިދޭ މުދައްރިސުން އިންކްލޫސިވް އެޑިޔުކޭޝަންއަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

މާލޭގެ ސްކޫލްތަކުގައި ކީރިތި ޤުރްއާން ކިޔަވައިދޭ މުދައްރިސުން އިންކްލޫސިވް އެޑިޔުކޭޝަންއަށް އަހުލުވެރިކުރުމުގެ ގޮތުން ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމުގައި މާލޭގެ އެކި ސްކޫލްތަކުން ޖުމްލަ 35 ޤުރްއާން މުދައްރިސުން ބައިވެރިވެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ، އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގަންނައިދިނުމުގައި މުދައްރިސުންގެ ހުނަރާއި މައުލޫމާތު އިތުރަށް މުއްސަނދިކުރުމެވެ. މިގޮތުން، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ ސިޔާސަތު 2021 ގެ އަސާސްތަކާއި، ދަރިވަރުންގެ ބޭނުންތައް ދެނެގަންނާނެ ގޮތްތަކާއި، އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން އެކުލަވާލުމުގެ އިތުރުން، ޔުނިވަރސަލް ޑިޒައިން ފޯރ ލާރނިންގ (ޔޫޑީއެލް) ފަދަ މުހިންމު މައުޟޫޢުތަކަށް މި ޕްރޮގްރާމުގައި އަލިއަޅުއްވާލާފައިވެއެވެ.

މި ޕްރޮގްރާމުގެ ސެޝަންތައް ފެސިލިޓޭޓްކުރެއްވީ މިޑީޕާޓްމަންޓްގެ ފަންނީ މުވައްޒަފުންނެވެ. މީގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސީނިއާ ލެކްޗަރާ މުޙައްމަދު ރިޔާޒް ވަނީ ކީރިތި ޤުރްއާން ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ފައިދާހުރި އަދި ޒަމާނީ އުކުޅުތަކާ ގުޅޭގޮތުން ޚާއްޞަ ސެޝަނެއް ނަންގަވައިދެއްވާފައެވެ. މި ސެޝަނުގައި، ހުރިހާ ދަރިވަރުންނަށް ވެސް ފަސޭހަކަމާއެކު ބައިވެރިވެވޭނެހެން ޤުރްއާން އުނގަންނައިދިނުން ބައްޓަންކުރާނެ އަމަލީ ގޮތްތައް ކިޔައިދެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އެއްވެސް ކުއްޖަކު ބާކީނުކޮށް، ހަމަހަމަ ފުރުސަތުތަކާއެކު އުނގަންނައިދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށްޓަކައި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން މުދައްރިސުންގެ ގާބިލުކަން އިތުރުވެ، ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.