ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ އައު ސިޔާސަތަށް އިންކްލޫސިވް ކޯޑިނޭޓަރުން އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް މިއަދު ފަށައިފި

ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ އައު ސިޔާސަތަށް އިންކްލޫސިވް ކޯޑިނޭޓަރުން އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް މިއަދު ފަށައިފި

މުރާޖާކޮށްފައިވާ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭ އުސޫލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ އިންކްލޫސިވް ކޯޑިނޭޓަރުން އަހުލުވެރިކުރުވުމަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

3 ދުވަހަށް ކުރިއަށް ގެންދާ މި އޮރިއެންޓޭޝަން ޕްރޮގްރާމްގައި މިއަދު ބައިވެރިވީ ހއ، ހދ، ށ، ނ، އަދި ރ އަތޮޅުގެ ސްކޫލްތަކުގެ އިންކްލޫސިވް ކޯޑިނޭޓަރުންނެވެ.

މިއަދުގެ ސެޝަން ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީއެވެ.

ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ޕާމަނަންޓް ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިރާސީ އާ އަހަރެއް ފެށުމުގެ ކުރިން މިފަދަ ގޮތަކަށް މޮނިޓަރިންގ ފްރޭމްވަރކް އަދި އިންކްލޫސިވް އެޑިޔުކޭޝަންގެ އާ ޕޮލިސީއަށް ސްކޫލްތައް ހޭލުންތެރިކުރުވަން ޖެހޭކަމަށެވެ. އަދި އިންކްލޫސިވް ކޯޑިނޭޓަރުން އެ ސްކޫލެއްގައި އިންކްލޫސިވް ޕޮލިސީ ތަންފީޒު ކުރުމަށްޓަކައި އީޖާދީ ގޮތްތައް ނެރުއްވާ، ޓީޗަރުން ބައިވެރި ކުރައްވާ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޕާމަނަންޓް ސެކްރެޓަރީގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މަދު ވަސީލަތްތަކާއި އެކުވެސް، ހުރި ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ އުއްމީދެއް ކަމަށްވެސް ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު ޢަލީ ވަނީ ވިދާޅުވެފައެވެ.

މި އޮރިއެންޓޭޝަން ޕްރޮގްރާމްގައި، 2020 ވަނަ އަހަރު މުރާޖާކޮށްފައިވާ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ އުސޫލުގެ ޚުލާސާއެއް އިންކްލޫސިވް ކޯޑިނޭޓަރުންނާ ހިއްސާ ކުރާނެއެވެ.  އަދި އޭގެ އިތުރުން ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދާގޮތް  މޮނިޓަރ ކުރުމުގެ ފްރޭމްވަރކްގެ ޚުލާސާއެއްވެސް އިންކްލޫސިވް ކޯޑިނޭޓަރުންނާއި ހިއްސާކުރާނެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދެވޭ މި ބައްދަލުވުމުގައި ކޮވިޑް19ގެ މިހާލަތުގައި ދަރިވަރުންގެ އުނގަންނައި ދިނުން އިތުރަށް ފުރިހަމަކުރެވިދާނެ ގޮތްތަކުގެ މައުލޫމާތު ފޯރޮކޮށްދެވޭނެވެ. އަދި ދަރިވަރުންނަށް އެހީތެރިކަން ދިނުމުގައި މިހާރު ދިމާވާ ގޮންޖެހުންތައް ކުޑަކުރެވިދާނެ ގޮތްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ހިއްސާކުރެވޭނެއެވެ.