ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔައިވައިދިނުމަށް ބޭނުންކުރާ އެސިސްޓިވް ޓެކްނޮލޮޖީ އަދި ބްރެއިލްގެ އަސާސީ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި

ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔައިވައިދިނުމަށް ބޭނުންކުރާ އެސިސްޓިވް ޓެކްނޮލޮޖީ އަދި ބްރެއިލްގެ އަސާސީ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފި

ތައުލީމީ އިންގިލާބީ ބަދަލު، ތައިބަ އިނީޝިއޭޓިވްގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓްގެ ދަށުން ކުރިއަށްގެންދިޔަ ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔައިވައިދިނުމަށް ބޭނުންކުރާ އެސިސްޓިވް ޓެކްނޮލޮޖީ އަދި ބްރެއިލްގެ އަސާސީ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.

އޭ.އައި އެޑިއުލީޑް ގްލޯބަލް އަދި ޕެނޭންގްގެ ސެއިންޓް ނިކޮލަސް ހޯމް ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 18 ބައިވެރިން ބައިވެރިވިއެވެ. މީގެ ތެރޭގައި 7 ސްކޫލަކުން 14 މުދައްރިސުންނާއި، ޑީ.އޯ.އައި.އީ ގެ 4 މުވައްޒަފުން ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ ހާއްސަ އުކުޅުތަކާއި، ބްރެއިލް ކިޔަވައިދިނުމާއި، އެސިސްޓިވް ޓެކްނޮލޮޖީ އަދި ދިރިއުޅުމުގެ އަސާސީ ހުނަރުތަކަށް އަމާޒުކޮށްގެން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މީގެއިތުރުން، އުނގެނުމުގެ މާހައުލުގައި ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާނެ ގޮތްތަކުގެ ތެރެއިން، ފެނުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ހާއްސަ "ސީއިންގ އޭ.އައި" އެޕްލިކޭޝަނާއި، ބްރެއިލް ދަސްކޮށްދިނުމަށް ބޭނުންކުރާ "ޓެޕްޓީލޯ" އެޕްލިކޭޝަން ބޭނުންކުރާނެ ގޮތްތައް ބައިވެރިން ވަނީ ދަސްކޮށްފައެވެ.

ހަމައެއާއެކު، އައި.ސީ.ޓީ ގެ އަސާސީ ހުނަރުތަކާއި، މައިކްރޯސޮފްޓް ޑިޖިޓަލް ހުނަރުތަކާއި، ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތައް އަމިއްލައަށް ހިނގާބިނގާވެ އުޅުމަށާއި ދުވަހީ ދިރިއުޅުމުގައި ބޭނުންވާނެ މުހިންމު ހުނަރުތަކާ ގުޅޭ އަމަލީ ސެޝަންތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.

މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2026 ސެޕްޓެމްބަރ 21 އިން 25އަށް މެލޭޝިއާގެ ޕެނޭންގްގައެވެ.