ސާނަވީ ސްކޫލްތަކުގައި ހިސާބު މާއްދާ ކިޔަވާދޭ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި
ސާނަވީ ސްކޫލްތަކުގައި ހިސާބު މާއްދާ ކިޔަވާދޭ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އުނގެނުމުގައި ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނާދޭނެ ގޮތުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ފާތިމަތު ޝެހެނާޒް އާދަމްއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަނާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، ވޯލްޑް ބޭންކްގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އޭއީޑީޕީގެ ދަށުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސާނަވީ ތަޢުލީމުގެ ފުރުޞަތު އިތުރުކުރުމާއި، ދަރިވަރުންގެ އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދިނުމުގެ އަގުތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި އަހަރު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 6 ސަރަޙައްދެއްގެ ސްކޫލްތަކުގެ ޓީޗަރުންނަށެވެ. އަދި 2025 ވަނަ އަހަރު ވެސް ރާއްޖޭގެ 6 ސަރަޙައްދެއްގައި މިތަމްރީނު ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ޖުމުލަ 378 (163 ފިރިހެން، 282 އަންހެން) ޓީޗަރުން ތަމްރީނު ކުރެވިފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި އިންކްލޫސިވް ޕެޑަގޮޖިކަލް އެޕްރޯޗްތަކާއި، ކޮންޓެމްޕަރަރީ އިންސްޓްރަކްޝަނަލް މެތަޑޮލޮޖީތައް ދެނެގަތުމުގެ އިތުރުން އުނގެނުމުގައި ޙާއްސަ އެހީއަށް ބޭނުންވާ ދަރުވަރުންގެ ތަޢުލީމީ އާދަތައް ދެނެގަތުމާއި، އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ތަޢުލީމުގެ ޤާނޫނުގައި ލާޒިމް ކުރާ ފަދައިން، ރަސްމީ ތަޢުލީމުގެ ނިޒާމުގައި އެއްވެސް ދަރިވަރަކު ބާކީ ނުވެ އުނގެނުމުގެ ފުރުސަތުތަކެއް ހަމަ ކޮންމެ ދަރިވަރަކަށްވެސް ލިބެދޭނެކަން ކަށަވަރު ކުރުމަށް މިޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. އޭ.އީ.ޑީ.ޕީގެ ދަށުން މީގެ ކުރިން ވެސް މިފަދަ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެޕްރޮގްރާމް އަމާޒުކޮށްފައިވަނީ ސާނަވީ ސްކޫލްތަކުގައި އިނގިރޭސި މާއްދާ ކިޔަވާދޭ ޓީޗަރުންނަށެވެ.