ހުނަރުވެރިކަމުގެ ދާއިރާގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުނަރުވެރިކަމުގެ ދާއިރާގެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން (އެން.ޓީ.ޓީ.ސީ) ޕްރޮގްރާމް މެދުވެރިކޮށް ހުނަރުވެރިކަމުގެ ޕްރޮގްރާމްތަކަށް މުދައްރިސުންގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރިއަށްގެންދާ އެންހޭންސިންގ ޓީޗަރޒް ކެޕޭސިޓީ ފޮ ސްކިލް ބޭސްޑް ޕްރޮގްރާމްސް ތްރޫ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން ޕްރޮގްރާމް ފަށައިފިއެވެ.  މިއީ ރާއްޖޭގެ ވޮކޭޝަނަލް އަދި ހުނަރުވެރިކަމުގެ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ފަރުމާކުރެވިފައިވާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.

ތަޢުލިމަށް އިންގިލާބީ ބަދަލު ތައިބަ އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމީ ފެންވަރުގައި މިހާރު ހުރި އިންކްލޫސިވް ސްކިލްސް ހަބްތަކަށް އަމާޒުކޮށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަފުތާއެއްގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ވޮކޭޝަނަލް ތަޢުލީމު ދެއްވާ 26 ސްކޫލެއްގެ ޖުމްލަ 34 މުދައްރިސުން ބައިވެރިވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އަޙްމަދު މުޙައްމަދުއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދަރިވަރުންގެ މުސްތަޤްބަލުގެ ވަޒީފާގެ މަގުތަކަށް އެ ކުދިން ތައްޔާރުކުރުމަށްޓަކައި، މުދައްރިސުންގެ ފަންނީ ޤާބިލިއްޔަތުކަން އެ ދާއިރާއާ ގުޅޭގޮތަށް އިތުރުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެންނެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންނަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އިން ދެއްވާ ނޭޝަނަލް ޓްރޭޑް ޓެސްޓިންގ ސެޓްފިކޭޝަން ލިބިގެންދާނެއެވެ. މިއީ ފަންނީ ހުނަރުތައް ޔަޤީންކޮށްދިނުމަށް ޤައުމީ ފެންވަރުގައި ބަލައިގަންނަ މިންގަނޑެކެވެ.

ވޮކޭޝަނަލް އެޑިޔުކޭޝަން ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށް ގެންދަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އާއި ގުޅިގެންނެވެ.