މާލެ ސަރަޙައްދުގެ 26 ސްކޫލަކަށް އަމާޒުކޮށް "ބްރައިޓް ހޮރައިޒަންސް ފޯ އިންކްލޫސިވް އެޑިއުކޭޝަން" ވޯކްޝޮޕް ބާއްވައިފި
މާލެ ސަރަޙައްދުގެ 26 ސްކޫލެއްގެ 50 މުދައްރިސުންނަށް އަމާޒުކޮށްގެން، ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން ފަންނީ ހުނަރު އިތުރުކުރުމަށްޓަކައި "ބްރައިޓް ހޮރައިޒަންސް ފޯ އިންކްލޫސިވް އެޑިއުކޭޝަން" ގެ ނަމުގައި އެއް ދުވަހުގެ ޚާއްޞަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.އިންޑިއާގެ މައިޕީގޫއާއި ގުޅިގެން ބޭއްވި މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައިދެއްވީ މައިޕީގޫގެ ފައުންޑަރ އަދި ސީއީއޯ ޗެތަން ޖައިސްވާލްއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އުނގެނުމުގައި އެކި ކަހަލަ ގޮންޖެހުންތަކާއި އުނދަގޫތައް ކުރިމަތިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ސްކޫލްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. އެގޮތުން، އިންޑިވިޖުއަލައިޒްޑް ކަރިކިއުލަމް ޕްލޭން ތައްޔާރުކުރުމާއި، ޝާމިލުކޮށްގެން ކިޔަވައިދޭ ކްލާސްރޫމްތަކުގައި ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ގޮތެއްގައި ބަލަހައްޓާނެ އުކުޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދިޔަ މަޝްވަރާތަކާއި ޢަމަލީ ތަމްރީނުތަކުގައި، ފިލާވަޅުތައް ރޭވުމާއި، ކިޔަވައިދިނުމުގެ މެތޮޑޮލޮޖީއަށް ގެންނަންޖެހޭ ބަދަލުތަކުގެ އިތުރުން، ދަރިވަރުންގެ ތަފާތު ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އިޖާބަދޭނެ ގޮތްތަކުގެ މަޢުލޫމާތު މުދައްރިސުންނަށް ފޯރުކޮށްދީފައިވެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ ކުދިންގެ ބޭނުންތަކަށް ފަހި އަދި އެހީތެރިކަން ލިބޭފަދަ އުނގެނުމުގެ މާޙައުލެއް ބިނާކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކުން މުދައްރިސުން އަހުލުވެރިކުރުވުމެވެ.
މި ވޯކްޝޮޕްއަކީ މާލެ ސަރަޙައްދުގެ މުދައްރިސުންގެ ފަންނީ ގާބިލުކަން ތަރައްޤީކުރުމަށާއި، އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވެމުންދާ މެދުނުކެނޑޭ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެކެވެ.