ރާއްޖޭގެ 55 ސްކޫލެއްގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބޭސިކް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ރާއްޖޭގެ 55 ސްކޫލެއްގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބޭސިކް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ރާއްޖޭގެ 55 ސްކޫލެއްގައި ތައުލީމު ހާސިލު ކުރަމުން އަންނަ އަޑުއިވުމާއި ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ ދަރިވަރުންނަށް ކިޔަވާދެއްވާ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބޭސިކް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

10 ދުވަހުގެ މުއްދަތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ، ޖަމާލުއްދީން ސްކޫލް ގުޅިގެންނެވެ. އެގޮތުން ޖަމާލުއްދީން ސްކޫލްގެ 4 ޓީޗަރަކުވަނީ މި ތަމްރީނު ޕްރޮގްރާމްގެ ފެސިލޭޓަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން، މިއަދު އޮތް އޮންލައިން ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްފާޟިލް މުހައްމަދު އިހްސާންއެވެ.

ރަސްމިއްޔާތުގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ޑެޕިއުޓީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގެ މުހިއްމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިފަދަ ތަމްރީނުތަކަކީ، އޭގެ ސަބަބުން ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ޘަގާފަތެއް ބިނާ ކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެ އިތުރުން، މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްވެސް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް ޑެޕިއުޓީ މިނިސްޓަރ އިހްސާން ވިދާޅުވިއެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި ޓީޗަރުންނާއި މުހާތަބު ކުރައްވާ ޑެޕިއުޓީ މިނިސްޓަރވަނީ، މިތަމްރީނު ޕްރޮގްރާމުން އުނގެނުނު މައުލޫމާތުގެ އެހީގައި ދިވެހި މުޖުތަމައު، އިންކްލޫސިވް ހަމަތަކަށް ބައްޓަން ކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ރަސްމިއްޔާތުގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޑައިރެކްޓަރ އަބްދުﷲ އިމްރާން ދެއްކެވި ވާހަކަފުޅުގައި، ތަމްރީނުގެ ބައިވެރިން ކިޔަވަމުން ދިޔަ އުފާވެރި މާހައުލު ފެނި އުފާކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮގްރާމް އެފަދަ ގޮތަކަށް ކުރިއަށް ގެންދެވުނީ ޖަމާލުއްދީން ސްކޫލްގެ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. މި ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިޔުމަށް ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް، ލީޑިންގ ޓީޗަރ އަދި ޓީޗަރުން ކުރެއްވި މަސައްކަތައްވެސް އިމްރާން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި، ބައިވެރިއެއްގެ ހައިސިއްޔަތުން މަރިޔަމް ޝިޔާމާ ދެއްކެވި ވާހަކައިގައި ހުރިހާ ޓީޗަރުން ގުޅިގެން މިފަދަ ތަމްރީނު ޕްރޮގްރާމެއް ގެންދެވުނީތީ އުފާކުރާކަމަށް ފާހަގަކުރިއެވެ. އަދި އޮންލައިންކޮށް ކުރިއަށް ގެންދިޔުމުން ދިމާވި ދަތިތައް ތަހައްމަލު ކުރަމުންވެސް ދަސްވި އެއްޗެހީގެ އަގު ވަޒަންކޮށް އޭގެ ބޭނުން ހިފުމަށް ޝިޔާމާވަނީ ގޮވާލާފައެވެ.

ޖުމްލަ 64 ބައިވެރިންނާއިއެކު ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށް ގެންދިޔަ ފުރަތަމަ ބޭސިކް ސައިން ލޭންގުއޭޖް ތަމްރީނު ޕްރޮގްރާމެވެ.