ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ނިމިއްޖެ

ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ނިމިއްޖެ

ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަށް ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ނިމިއްޖެއެވެ.

އޮންލައިންކޮށް، މިއަދު ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީއެވެ. ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ، އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ނަމުގައި ޑިޕާޓްމެންޓެއް އުފައްދަވާ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތު އަލުން މުރާޖާ ކުރުމަކީވެސް އެކަމުގެ ހެއްކެއް ކަމަށް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ތަމްރީނު ޕްރޮގްރާމްތަކާއި އެކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ތައުލީމީ ދާއިރާއިން ޔުނިވަރސަލް ޑިޒައިން ފޯ ލަރނިންގ އާއި ކޯޓީޗިންގ ފަދަ މޮޑެލްތަކަށް ސްކޫލުތަކުގެ ކިޔަވައިދިނުން ބައްޓަންވެގެންދާތަން ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދެހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި އޮރިއެންޓޭޝަން ޕްރޮގްރާމަކީ ރާއްޖޭގެ އުތުރުން ދެކުނަށް ޝާމިލުވާނޭހެން، ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި ޖުމްލަ 211 ޕްރިންސިޕަލަކު ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެލެއްވި ، ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ޝިފާޒް ވިދާޅުވީ، މި ޕްރޮގްރާމްގައި ލިބުނު މައުލޫމާތާއި އެކު ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވާދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަކަށް ވާސިލުވުމަށް ހުރިހާ ޕްރިންސިޕަލުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

2020 ވަނަ އަހަރު އަލުން މުރާޖާކޮށް ނެރުނު ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމުގެ އިތުރުން، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގައި އިސްކަން ދޭންޖެހޭ އެހެން ބައެއް ކަންކަމަށްވެސް މި ތަމްރީނު ޕްރޮގްރާމްގައި ވަނީ އަލިއަޅުވާލާފައެވެ.