ކޮވިޑް19ގެ ސަބަބުން ދުނިޔެއަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ ދަރިވަރުންގެ ތަޢުލީމަށް ލިބުނު ގެއްލުން: ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން

ކޮވިޑް19ގެ ސަބަބުން ދުނިޔެއަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމަކީ ދަރިވަރުންގެ ތަޢުލީމަށް ލިބުނު ގެއްލުން: ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން

2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ސިއްހީ ކުއްލި ހާލަތު، ކޮވިޑް19ގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ގެއްލުމަކީ ދަރިވަރުންގެ ތަޢުލީމަށް ލިބުނު ގެއްލުން ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން މިހެން ވިދާޅުވީ، ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން މިހާރު ކުރިއަށް ގެންދާ، ހުރިހާ ކުދިން ޝާމިލުކުރުމުގެ އައު ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމްގެ މިއަދުގެ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ޑެޕިއުޓީ މިނިސްޓަރ އިތުރަށް ވިދާޅުވީ، ތައުލީމީ ޤާނޫނަށް، އަންނަ ދިރާސީ އަހަރު އަމަލުކުރަން ފަށާއިރު، އެ ޤާނޫނުގައި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެކަމަށެވެ.

ތަޢުލީމީ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހުސްވި 2020 ވަނަ އަހަރު ދަރިވަރުންގެ ކިޔެވުމަށް ލިބުނު ގެއްލުންކަމަށް އިޝާރާތް ކުރައްވާ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، އެ ގެއްލުމުން އަރައިގަތުމަށް ހުރިހާ އެންމެން އެކުގައި މަސައްކަތްކުރަން ޖެހިފައިވާކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އާއްމު ހާލަތައް ރުޖޫއަވާން މަސައްކަތް ކުރުމަށްވެސް ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވަނީ ގޮވާލައްވާފައެވެ.

ޑެޕިއުޓީ މިނިސްޓަރ އިތުރަށް ވިދާޅުވީ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ އައު ސިޔާސަތަށް، ސްކޫލްތަކުގެ ޕްރިންސިޕަލުން އަހުލުވެރި ކުރުވުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ. އަދި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމަށް ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން ކުރާ މަސައްކަތަށް ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހްސާން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.