ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހީންނަކީ ޒަމާނުއްސުރެ ހުރިހާ އެންމެން ޝާމިލުކޮށްގެން މަސައްކަތްކުރި ގައުމެއް: ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަސީރު

ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހީންނަކީ ޒަމާނުއްސުރެ ހުރިހާ އެންމެން ޝާމިލުކޮށްގެން މަސައްކަތްކުރި ގައުމެއް: ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަސީރު

ކުރިމަތިވާ ކޮންމެ ގޮންޖެހުމަކުން އަރައިގަތުމަށްވެސް ހުރިހާ އެންމެން ޝާމިލުކޮށްގެން އެކުގައި މަސައްކަތްކުރުމަކީ ދިވެހި ތާރީޚުންވެސް ހެކިދޭ ކަމެއް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ނަސީރު ވިދާޅުވެއްޖެއެވެ.

ޑެޕިއުޓީ މިނިސްޓަރ މިހެން ވިދާޅުވީ، ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން މިހާރު ފަށައިގެން ކުރިއަށް ގެންދާ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައި ދިނުމުގެ ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުމަށް ބާއްވާ ސެޝަންތަކުގެ މިއަދުގެ ސެޝަން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ތާރީޚުން މިސާލު ޖައްސަވަމުން ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ވިދާޅުވީ، ދޮންބަންޑާރައިންގެ ޖިހާދަށް ބަލާލައިފި ކަމުގައިވީނަމަވެސް، ހުރިހާ އެންމެން ޝާމިލު ކުރުމުގެ މުހިއްމު ކަން އިނގިގެންދާކަމަށެވެ. އެގޮތުން، ދިވެހިރާއްޖެ ޕޯޒުގީޒުންގެ އަތްދަށުން ސަލާމަތްކޮށް މިނިވަންކަމުގެ އައްސޭރިއަށް ދިވެހިރާއްޖެ ގެންދެވުނީ ހުރިހާ އެންމެން ޝާމިލުކޮށްގެން ހަނގުރާމަ ކުރައްވައިގެން ކަމަށެވެ. އިތުރަށް މިސާލު ޖައްސަވަމުން ޑެޕިއުޓީ މިނިސްޓަރ ޝަރުމާ ވިދާޅުވީ، ހަމައެކަނި މާލޭގެ ވަކި ބަޔަކަށް ތައުލީމު ހާސިލްކުރެވެން އޮތް އޮތުން ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީންގެ ދައުރުގައި ބަދަލު ކުރައްވާ އަތޮޅު ތެރޭގެ ރައްޔިތުންނަށްވެސް ތައުލީމު ހާސިލުކުރުމަށް ފުރުސަތުތައް ހުޅުވާލެއްވިކަމަށެވެ. އަދި 1980ގެ އަހަރު ތަކާއި 1990ގެ އަހަރުތަކާއި ދެމެދު ، ތައުލީމު އިތުރަށް ފުޅާކޮށް ވީހާވެސް ގިނަބަޔަކަށް ތައުލީމު ހާސިލްކުރެވޭނެ ގޮތްތައް ހަމަޖެހިގެން ދިޔަކަމަށެވެ. އެގޮތުން އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރ އީޑީސީ އަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ފަންނީ މުވައްޒަފުން ތަމްރީނުކޮށް ތާރީހުގެ ތެރެއަށް ވަދެގެން ދިޔަ މަރުކަޒެއްކަމަށްވެސް ޑެޕިއުޓީ މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ، ދަރިވަރުންގެ ގާބިލިއްޔަތު ދެނެގަނެ އެދަރިވަރުންގެ އެ ހުނަރު އިތުރަށް ތަރައްގީ ކުރަން މަސައްކަތް ކުރުންކަމަށެވެ. އެހެންކަމުން ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ސިޔާސަތަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގެ މުހިއްމު ބައެއްކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރ އިތުރަށް ވިދާޅުވީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، މިފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ، އެ ވައުދު ފުއްދެމުންދާ ކަމުގެ ހެއްކެއްކަމަށެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރި އިތުރަށް ވިދާޅުވީ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައި ދިނުމުގެ ސިޔާސަތު ތަންފީޒުވުމަކީ މި ގަރުނުގައި ދިވެހި ތައުލީމީ ނިޒާމަށް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީކަމަށެވެ.