ރިލީފް ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ރިލީފް ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ރިލީފް ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ރިލީފް ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ރާއްޖޭގެ ސްކޫލް ތަކުގައި ކިޔަވާދޭ ރިލީފް ޓީޗަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ ރިލީފް ޓީޗަރ ޓްރެއިނިންގ އޮން އިންކްލޫސިވް އެޑިޔުކޭޝަން ތަމްރީން ޕްރޮގްރާމް މިއަދު ނިންމާލައިފިއެވެ.

10 ދުވަހުގެ މުއްދަތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ، ރިލީޕް ޓީޗަރުން، ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާދިނުމުގެ އަސާސްތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އޮތް އޮންލައިން ހަފްލާ ޝަރަފުވެރިކޮށްދެއްވީ ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ފާތިމަތު ނަސީރުއެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވީ، ދަރިވަރުންގެ ހަގީގީ ކާމިޔާބީއަކީ ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާދިނުމުން ފެންނާނެ ކާމިޔާބީއެއް ކަމަށެވެ. އެހެންކަމުން ތައުލީމީ ވުޒާރާގެ މިވަގުތުގެ އެންމެ ބޮޑު އެއް މަގްސަދަކީ މެއިންސްޓްރީމް ޓީޗަރުގެ އިތުރުން ކިލާހުގައި ސެން ޓީޗަރަކުވެސް ކިޔަވާދީ، ކޯޓީޗިންގ މޮޑެލްއަށް ކިޔަވައި ދިނުމުގެ ނިޒާމު ބައްޓަން ކުރުންކަމަށް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އިޝާރާތް ކުރައްވާފައެވެ.

ވުމާއި އެކު މިފަދަ ތަމްރީނު ޕްރޮގްރާމްތަކަކީ ނުހަނު ބޭނުންތެރި ޕްރޮގްރާމްތަކެއް ކަމަށްވެސް ސްޓޭޓް މިނިސްޓަރވަނީ ވިދާޅުވެފައެވެ.

ތަމްރީނުގެ ބައިވެރިންނާ މުހާތަބުކުރައްވާ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރުވަނީ، މިތަމްރީނު ޕްރޮގްރާމުން އުނގެނުނު އެއްޗެހީގެ އަލީގައްޔާއި، އަމިއްލައަށް ދިރާސާ ކޮށްގެން ހުރިހާ ކުދިންނަށް ހަމަހަމައަށް އުނގަންނާ ދިނުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ނިންމުމުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޑިޕާޓްމެންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ޑިރެކްޓަރ އަބްދުﷲ އިމްރާން ވިދާޅުވީ، ރާއްޖޭގައި މިހާރު ކިޔަވާދޭ ހުރިހާ ސެން ރިލީފް ޓީޗަރުންނަކީ ތަމްރީނު ލިބިފައިވާ ޓީޗަރުންކަން އުފަލާއެކު ފާހަގަކުރައްވާކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި ޓީޗަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން، ރިލީފް ޓީޗަރ ފައިސަލް ނަސީމް ވިދާޅުވީ، ހީކުރި ގޮތާއި ހިލާފަށް އޮންލައިންކޮށް ތަމްރީނު ކުރިއަށް ގެންދިޔަ ނަމަވެސް، މިއީ ނުހަނު ބޭނުންތެރި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އަދި ތަމްރީނުން އުނގެނުނު އެއްޗެހީގެ އަލީގައި ކުރިއަށް ދާންވީ މިސްރާބު ވަރަށް ސާފުކޮށް ފެންނަކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގައި، ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާދިނުމުގެ މައިގަނޑު އަސާސްތަކާއި ސިޔާސަތުތަކާއި ކިލާސް ތެރޭގައި ކިޔަވާދިނުމުގެ ތަފާތު އުކުޅުތަކުގެ އިތުރުން އުނގުނުމުގައި ތަފާތު އެހީތެރިކަމަށް ބޭނުންވާ ދަރިވަރުން ދެނެގަންނާނެ ގޮތާއި ، އެކުދިންނަށް ކިޔަވާދޭނެ ތަފާތު ގޮތްތައް ވަނީ ބައިވެރިންނާއި ހިއްސާކޮށްފައެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ އިންކްލޫސިވް ޗެމްޕިއަން ސްކޫލްތަކުގެ ލީޑިންގ ޓީޗަރުންނާއި އެކު ވަނީ ހާއްސަ ފޯރަމެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމްގެ ތެރެއިން، ސްކޫލްތަކުގައި އަމަލުކުރާ އުސޫލުތައްވަނީ ހިއްސާކޮށްފައެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނަށްވަނީ ތަފާތު ސުވާލުކޮށް އޮޅުންފިލުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ.