‎ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ އައު ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފަށައިފި

‎ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމުގެ އައު ސިޔާސަތަށް ޕްރިންސިޕަލުން އަހުލުވެރި ކުރުމުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފަށައިފި

މުރާޖާކޮށްފައިވާ، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދޭ އުސޫލަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުން އަހުލުވެރިކުރުވުމަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ދެ ހަފްތާއަށް ކުރިއަށް ގެންދާ މި އޮރިއެންޓޭޝަން ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން، މިއަދުގެ ސެޝަން ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރުއެވެ.

ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި ކޮވިޑް19ގެ ހަލާތާއި ގުޅިގެން މަޑުޖެހިފައިވާ މަސައްކަތްތައްވެސް މިހާރު ފަށާއިގެން ކުރިއަށްދާ ކަމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ އުސޫލަށް ސްކޫލްތަކުގެ ޕްރިންސިޕަލުން އަހުލުވެރިވުމަކީ މުހިއްމު ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ.

މި އޮރިއެންޓޭޝަން ޕްރޮގްރާމްގައި، 2020 ވަނަ އަހަރު މުރާޖާކޮށްފައިވާ ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތަޢުލީމު ދިނުމުގެ އުސޫލުގެ ޚުލާސާއެއް ޕްރިންސިޕަލުންނަށް އަރުވާނެއެވެ. އަދި އޭގެ އިތުރުން ޝާމިލްކުރުމުގެ އަގުތައް ނުވަތަ އިންކްލޫސިވް ވެލިއުޒް އަދި ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދާގޮތް  މޮނިޓަރ ކުރުމުގެ ފްރޭމްވަރކްގެ ޚުލާސާއެއްވެސް ޕްރިސިޕަލުންނާއި ހިއްސާކުރައްވާނެއެވެ.